Saturday, May 11, 2013


ބްލޮގު ޓާސްކް 2
       ކިޔަވައި ދިނުމުގައި އަޅުގަނޑު ގެންގުޅޭނެ ފަލްސަފާ
       އުނގަންނައިދިނުމުގައި މިއަދު މިދަނީ ތަފާތު ނަޒަރިއްޔާތު ތަކެއްގެ ބޭނުންކުރަމުންނެވެ. އެހެންކަމުން އުނގަންނައިދިނުމުގައި ޢާއްމުގޮތެއްގައި އެއްއުޞޫލުތަކެއް މުދައްރިސުން ގެންގުޅުނުކަމުގައި ވިޔަސް އުނގަންނައިދިނުމުގައި ބޭނުން ކުރެވިދާނެ އެކައްޗަކީ އުނގަންނައިދިނުމާބެހޭ ގޮތުން ހެދިފައިވާ އެކިއެކި ތިއަރީތަކެވެ. މިތިޔަރީތައް ބިނާކުރެވިފައިވަނީ ކުދިން ދަސްކުރާގޮތްތައް ދެނެގަތުމަށެވެ. އެގޮތުން މަޝްހޫރުވެފައިވާ ބައެއް ތިއަރީތަކުގެ ތެރޭގައި ބިހޭވިއަރަލްލާރނިން ތިއަރީއާއި، ކޮގްނިޓިވްލާރނިންގ ތިޔަރީއާއި، ސޯޝަލްކޮގްނެޓިވް ލާރނިންތިއަރީއާއި، ކޮންސްޓްރަކްޓިވިޒަމް ތިއަރީ ހިމެނެއެވެ. މިތިޔަރީތައް ހެދިފައިހުރިއިރު ކޮންމެ ތިއަރީއެއްގައިވެސް ފާހަގަކޮށްލެވޭ ވަރުގަދަ ކަންތައްތަކަކާއި ނިކަމެތި ކަންތައްތަކެއް އެކުލެވިފައިވެއެވެ.
       ބިހޭވިއަރަލް ލާނިންގ ތިއަރީގައި ވަނީ މައިގަނޑު 4 ޕްރޮސެސްއެކެވެ. އެގޮތުން ކޮންޓިގިއުޓީއާއި ކްލެސިކަލް ކޮންޑިޝަންއާއި އޮޕަރަންޓް ކަންޑިޝަނިންގއާއި އޮބްޒަވޭޝަނަލް ލާނިން ހިމެނެއެވެ. މިގޮތުން މި ލާނިންތިއަރީގެ މައިގަނޑު މަފުހޫމަކީ އުނގެނޭ އުގެނުމެއްގެ ސަބަބުން އުޅުމަށް ބަދަލު އައުމެވެ. އެގޮތުން ބަދަލުގެނައުމަށްޓަކައި މިތިއަރީގައި ދެވައްތަރެއްގެ މުޢާމަލާތެއް ހިންގައެވެ. އެއީ ހިތްވަރު ދިނުމުގެ ގޮތްތަކާއި އެދެވިގެންނުވާ ސުލޫކުތަކާމެދު މުޢާމަލާތުކުރުމެވެ. ހިތްވަރުދިނުމުގެ ގޮތްތައް ބޭނުންކުރުމަކީ މީހާގެކިބައިގައި ހުރި ސްލޫކުތަކެއް އިތުރަށް ވަރުގަދަކުރެވިދާނެ ގޮތްތަކެކެވެ. މިގޮތުން ދަރިވަރުންނަށް ސަމާލުކަންދިނުމާއި އެކުދިންކުރާ ކަންތައްތައްތަކަށް ތަޢުރީފުކުރުމާއި ޕްރިމެކްޕްރިންސިޕަލް އާއި ބައްޓަންކުރުމާއި ޕޮޒިޓިވް ޕްރެކްޓިސް އަކީ މިހާރު ވެސް އުގަންނައިދިނުމުގައި ބޭނުންކުރެވެމުންދާ މެތަޑުތަކެވެ. ނަމަވެސް މި މެތަޑުތައް ބޭނުންކުރުމުގައިވެސް ވަރަށް ފަރުވާތެރިކަމާއެކު ވަކި ނިޒާމެއްގެ މަތިން ހިތްވަރުދިނުމަށް ސަމާލުކަން ދޭންޖެހެއެވެ. މިކަމުގައި ފަރުވާކުޑަވެއްޖެނަމަ އެދެވޭ ނަތީޖާއެއް ނުނިކުންނާނެއެވެ. އަދި މިގޮތަށް ދެވޭ ތަރުހީބުގެ ސަބަބުން ދަރިވަރު ތަޢުލީމު ޙާސިލުކުރުމުގެ މަގުސަދުގެ ބަދަލުގައި ތަޢުރީފު ހޯދުމަށް ކިޔެވުމަކީވެސް ވެދާނެކަމެކެވެ. އަދި ދަރިވަރުންގެ ކިބައިގައިވާ ނޭދެވޭ ސުލޫކާމެދު މުޢާމަލާތުކުރުމުގައި ބޭނުންކުރެވިދާނެކަމަށް ސައިކޮލޮޖިސްޓުން ދެކޭގޮތްތަކަކީ ނެގެޓިވްރީއިންފޯސްމެންޓާއި ރެޕްރިމާންޑާއި ރެސްޕޮންސްކޯސްޓާއި ސޯޝަލް އައިސޮލޭޝަންއެވެ.
          ކޮގްނިޓިވް ތިއަރީއަށް ބަލާއިރު މިތިއަރީގައި އެންމެ ވަރުގަދަ ގޮތެއްގައި ވާހަކަ ދެކެވެމުންދަނީ ޕިއާޖޭ އާއި ވައިގޮޓްސްކީގެ ނަޒަރިއްޔާތަށެވެ. ޕިއާޖޭ 4 މަރުޙަލާއަކަށް ބަލައި މިހަތަރު މަރުޙަލާގައި ދަރިވަރުންގެ ވިސްނުން ތަފާތުވާ ގޮތަށް ބަލާފައިވާއިރު ވައިގޮޓްސްކީ ބަލާފައިވަނީ ކަލްޗަރަލް ޓޫލްސް އަދި ސޯޝިއަލް އިންފްލުއެންސަސްގެ ސަބަބުން ވިސްނުން ބައްޓަންވެގެންދާ ގޮތުގެ މައްޗަށެވެ. މިގޮތުން މި ނަޒަރިއްޔާތުގެ މައިގަނޑު އެއްޗަކީ އިންސާނާގެ ޝަޚުސިއްޔަތާ ވިސްނުން ތަރައްގީވަމުންދާގޮތް ކަމަށްވުމާއެކު ކުރިން އެނގިފައިވާ އެއްޗަކާއި އަލަށް އުނގެނޭ ތަކެތި ގުޅުވާލައި ސިކުނޑީގެ ތަފާތު މަސައްކަތްތަކަށް ރިޢާޔަތްކޮށް އުގަންނައިދިނުމަކީ މިތިއަރީގެ ޕްރިންސިޕަލްތަކެވެ. މި ތިއަރީގެ ބަލިކަށިކަމާ މެދު ވާހަކަދައްކަވާ ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި ޕިއާޖޭ ބަޔާންކޮށްދީފައިވާ ގޮތްގޮތަށް ވުރެ މާގިނަގޮތްތައް ކުއްޖާގެ ވިސްނުންތަރައްގީވުމުގައި ބޭނުންކުރެއެވެ. މިގޮތުން ވަގުތާއި ޙާލަތުގެ ސަބަބުން ތަބީޢަތަށް ތަފާތު ބަދަލުތައް އަންނަކަން ފާހަގަކޮށްފައިވެއެވެ.
         ސޯޝަލް ކޮގްނިޓީވްތިއަރީގައި ފާހަގަކުރެވޭ އެންމެ ރަނގަޅުކަމަކީ ތަފާތު އެތައް ނަމޫނާތައް ދައްކައި ބަލައި އޮބްޒަރވްކޮށް އޭގެ އެހީގައި ދަރިވަރުން އުގެނުމެވެ. މީގެސަބަބުން ދަރިވަރުން ބޮޑަށް އުނގެނުމަށް ޝައުގުވެރިވެ މާނަހުރި ގޮތެއްގައި އުނގެނުމަށް މަސައްކަތްކުރާނެއެވެ. ހަމަމިއާއެކު މިތިއަރީގެ ބަލިކަށިކަމަކީ ނަމޫނާ ދައްކައިގެން އުނގަންނައިދިނުމުގެ ސަބަބުން ދަރިވަރުންގެ ވިސްނުން ތަރައްގީވުމަށް ހުރަސް އެޅުމެވެ. އެއީ މާބޮޑަށް ކަންކަމާމެދު ވިސްނާ ދެނެގަންނަން ނުޖެހި ލޮލަށް ފެންނަ އެއްޗަކަށް ބަރޯސާވުމަށް މަގުފަހިކޮށްދޭތީއެވެ. އަދި އުގެނޭ ތަކެތި ހަދާނުގައި ބެހެއްޓުމާއި ޢަމަލީގޮތުން ކުރުމުގެ ބައި މިތިއަރީގައި އެހެން ތިއަރީތަކާ އަޅާ ބަލާއިރު މި ތިއަރީގައި ބަލިކަށިކަން ފާހަގަކުރެވެ.
       ކޮންސްޓްރަކްޓިވިޒަމްގެ މައިގަނޑު ދެ ތިއަރިސްޓުންނަކީ ޖޭން ޕިއާޖޭ އާއި ވައިގޮޓްސްކީ އެވެ. މި ތިއަރީގައި  ވާގޮތުން ދަރިވަރުން ދެނެގަންނަނީ ކުރިން އެނގިފައިވާ އެއްޗަކާ ގުޅުވައިގެން ނެވެ. ހަމައެއާއެކު ވަށައިގެންވާ މާހައުލުން ފެންނަ އިޖުތިމާޢީ ހަރަކާތްތެރިކަން މެދުވެރިކޮށް މަޢުލޫމާތު ބިނާކުރުމަކީ ވެސް މިތިއަރީގައި ދަރިވަރުން ކުރާ ކަމެކެވެ. އެހެންކަމުން މި ތިއަރީ ވަނީ އެހެން ތިއަރީތަކާ ގުޅިފައެވެ. މިގޮތުން ސޯޝަލް ކޮގްނިޓިވް ތިއަރީއާ ގުޅިގެން ދަނީ މުޖުތަމަޢުންނާ މާހައުލުން ފެންނަކަންކަމުގެ މައްޗަށް ބިނާކޮށް އުގެނޭތީއެވެ. ހަމަ މިއާއެކު ކޮގްނިޓިވް ތިއަރީގައި ބަޔާންކޮށްފައިވާ ފަދައިން އުފެދި ބޮޑުވާ މަރުހަލާތަކަށް އަންނަ ބަދަލާ ގުޅޭގޮތުން ވިސްނުމަށް ބަދަލުއަންނަ ގޮތާ ގުޅުވައިގެން އުގެނުން ކުރިއަށް ދާތީ ކޮގްނިޓިވް ތިއަރީއާ ވެސް މިތިއަރީ ގުޅެއެވެ. ނަމަވެސް މިތިއަރީގައި ބަޔާންކުރާ ގޮތުން އެހެން ހުރިހާ ތިއަރީއަކަށް ވުރެ މިތިއަރީގައި އުފެއްދުންތެރިކަން ނުވަތަ ބިނާކުރުމުގެ ބައި ބޮޑެވެ. އެހެން ކަމުން ޢަމަލީ ތަޖުރިބާ ދަރިވަރަށް ބޮޑަށް ލިބިގެން ދިޔުމަށް މަގުފަހިކޮށްދެއެވެ.
ކޮންސްޓްރަކްޓިވިޒަމް މައިގަނޑު ތިން ވައްތަރެއްގެ ދަށުން ތަފާތު މެތަޑުތައް އުގަންނައިދިނުމުގައި ބޭނުންކޮށްފައިވެއެވެ. އެއީ އެކްސްޓާނަލް ޑައިރެކްޝަން އާއި އިންޓާނަލް ޑައިރެކްޝަން އަދި އިންޓާރނަލް އެކްޓާރނަލް ޑައިރެކްޝަން އެވެ. މިބައިތައް އުގަންނައިދިނުމުގައި ކޯޕަރޭޓިވް ލާނިން މެތަޑުތައް ގެންދިއުމަށް ބާރުއަޅައެވެ. މި ގޮތުން މުޖުތަމަޢުގައި ހުރި ހުރިހާ ސޯސްއެއް ބޭނުންކޮށްގެން އުގަންނައިދިނުން ބައްޓަންކުރުމަކީ މިތިއަރީ ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. އެހެންކަމުން މިކަންކަން ހިމެނިގެންދަނީ މިތިއަރީގެ ގަދަކަން ދައްކުވައިދޭ ކަންކަމުގެ ގޮތުގައެވެ. މިތިއަރީގެ ބަލިކަށި ކަންކަމުގެ ތެރޭގައި ގްރޫޕްކޮށް އުނގެނުމުގައި ދިމާވެދާނެ ދަތިތައް ފާހަގަކުރެއެވެ. އެއީ މިކަންކަން މޮނީޓަރކުރުމުގައި މުދައްރިސް ފަރުވާތެރި ނުވެއްޖެ ނަމަ ގްރޫޕު އިންސްޓްރެކްޝަންއަކީ ދަސްކުރުމަށް ހުރި ގޮންޖެހުމަކަށް ވެދާނެއެވެ. މިގޮތުން އަވަހަށް މަސައްކަތް ނިންމުމަކީ ވިސްނުންތެރިކަމާ ދަސްކުރުމަށް ވުރެ އިސްކަމަށް ވެދާނެއެވެ.
       އިސްވެދެންނެވުނު ކަންތައްތަކަށް ބަލާއިރު ކިޔަވައިދިނުމުގައި ދަރިވަރުންނަށް ހިތްވަރުދިނުމާއި،ތަރުހީބުދީގެންނާއި ކުއްޖާގެ ވިސްނުން ތަރައްގީވުމުގެ ތަފާތު ގޮތްތައް ބޭނުންކޮށްގެންނާއި ވަށައިގެންވާ މާހައުލުން ފެންނަ އިޖުތިމާޢީ ހަރަކާތްތެރިކަން މެދުވެރިކޮށް ގެންނާއި، މުޖުތަމަޢުންނާ މާހައުލުން ފެންނަކަންކަމުގެ މައްޗަށް ބިނާކޮށްގެންނާއި ގުޅިގެން ދަސްކުރެވޭ ގޮތަށް ކިޔަވައިދިނުމަކީ އަޅުގަނޑުގެ ފަލްސަފާއެވެ.

No comments:

Post a Comment